ތާރީހް

1-     މަޙްކަމަތުލް އަމަން ޢާންމުގެ ޒިންމާ

 

   ދިވެހިރާއްޖޭގައި މީހުން ދިރިއުޅެން ފެށުނީއްސުރެ، މިޤައުމެގެ ޙިމާޔަތުގައި ލަޝްކަރެއް އޮތްކަން އެއީ ތާރީޚް ހެކިދޭ ޙަޤީޤަތެކެވެ. ބޮޑުތަކުރުފާނުގެ ކުރިން ދިވެހިރާއްޖޭގެ ޙިމާޔަތުގައި އޮތްލަޝްކަރު ގައި ހަވަރު އޮވެއެވެ. އެއީ ދޮށިމޭނާވަރު ހަކުރާވަރު ވެލާނާވަރު މާފަތް، ފާމުދޭރި އަދި ދަހަރާވަރެވެ. މިއިން ކޮންމެ ވަރެއްގައި އެވަރެއްގެ ނަމަށް ނިސްބަތްވާ ވެރިޔަކު އިސްކުރައްވާފައިވެއެވެ. އިހުގައިކިޔާ ދެބައިލަޝްކަރިންނަކީ މިއެވެ. މިއިންކޮންމެ ވަރެއްގައި ހުންނަވާ ވެރިއަކީ ރަސްގެފާނުގެ ވަޒީރެކެވެ. ލަޝްކަރުގައި ތިބެނީ ހަނގުބޭކަލުންނެވެ. ލަޝްކަރުގެ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަނީ ހަރުމަތީ ބޮޑުބަޑި، ކައިތުވައްބަޑި، ސިލޭހައާއި ލޮންސި، ކަނޑިޔާއި އައްޑަނައެވެ.

 

   މީލާދީ ސަނަތުން 1573 ގައި، ޕޯޗްގީޒުންގެ އަތްދަށުން ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތް ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގައި އޭރުއޮތް ލަޝްކަރަށް ބަދަލުތަކެއް ގެންނެވިއެވެ. އެބަދަލުތަކުގެ ތެރޭގައި ލަޝްކަރުގެ ހަވަރު ތިންބަޔަކަށް ބައްސަވާލެއްވިއެވެ. ވަރުންހަގުންގެ ގޮތުގައި ހަމަޖެއްސެވީ ކުރީގެ އިސްތިންވަރުކަމުގައިވާ ދޮށިމޭނާވަރު، ހަކުރާވަރު، ވެލާނާވަރެވެ. ޢަސްކަރުން ކަމުގައި ހަމަޖެއްސެވީ އިސްތިންވަރުގެ ތިންވަރާއެކު މާފަތްވަރު ދަހަރާވަރެވެ. މިފަސްވަރަށް އެކުގައި ފަހޮޅި (މާނައަކީ ފަސްއޮޅިނުވަތަ ފަސްގެ) ކަމުގައި ކިޔައެވެ. އައްތާރަފަނިންގޮތުގައި ހަމަޖެއްސެވީ ފާމްދޭރިވަރެވެ. އަދި ރަދުންގެ ދަށުން ލަޝްކަރު ކޮމާންޑު ކުރުމަށް ހުންނަވާ ބޭކަލެއްގެ ގޮތުގައި ދޮށިމޭނާ ކިލޭގެ ހަމަޖެއްސެވިއެވެ.

 

   މިލަސްކަރުވަރުތަކުގެ މަސައްކަތްތަކަށް ފަސޭހަކުރުމައްޓަކައި މުޅިލަސްކަރު ދިހަ ކޮއްޓަކަށްބަހާލާފައިވެއެވެ. އެއީ ބަޑިކޮށީގެ 4 ކޮއްޓާއި އައްޑަނަ ކޮށީގެ 3 ކޮއްޓާއި ދަނޑިކޮށީގެ 3 ކޮއްޓެވެ.

 

   މިއަދު ދިވެހިން މިދެކޭ ސިފައިން ވުޖޫދަށް އައީ 1892ގައި އައްސުލްތާން އިބްރާހިމް ނޫރައްދީނު [ ސިރީ ބަރިކުސަ ލޯކަ މަހާރަދުން (1888މ. އިން 1892މ. އަށް) ގެރަސްކަމުގެ ދެވަނަ ފަހަރުގައެވެ. ސިފައިން އުފެދުނު އިރުގައި ރަދުންގެ ދަށުން ސިފައިންނަށް ކޮމާންޑް ކުރައްވަން ހުންނެވީ ސިފައިންގެ ކޮމާންޑަރު ހޮޅުދޫ ނެވިގޭ ދޮންމަނިކުގެ އިސްމާޢީލް ދީދީ އެވެ. ވަޒީރަކު ސިފައިންގެޔަށް ކޮމާންޑް ކުރުމަށް އައްޔަން ނުކުރައްވައެވެ.

 

   ނަވާރަސަތޭކަ ބައްތިރީސްވަނަ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫން އަސާސީ ތަސްދީޤް ކުރެއްވުމާއެކު، އައްސުލްތާނު މުހައްމަދު ޝަމްޝުއްދީން(3ވަނަ) އަށް ޤާނޫނުއަސާސީން ލިބިވަޑައިގެންނެވި އިޚްތިޔާރުގެ ދަށުން އެރަދުންގެ ކެބިނެޓް އިޢުލާންކުރެއްވިއެވެ. މިކެބިނެޓްގައި ވަޒީރުލް ޢަސްކަރިއްޔާގެ މަޤާމް އުފައްދަވައި އެމަޤާމަށް އެރަދުންގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު މުހައްމަދު ފަރީދުދީދީ އައްޔަން ކުރެއްވިއެވެ.

 

   މަޙްކަމަތުލް އަމަންޢާމުގެ ނަމަށް ބަލާލާއިރު އެވުޒާރާގެ އެންމެ ބޮޑު މަސްއޫލިއްޔަތީ އަމަން ބެލެހެއްޓުން ކަން ސާފުކޮށް ދޭހަވެއެވެ. އަދި އެދުވަސްވަރު ހިނގާދިޔަ ޙާދިސާތަކުން މިވުޒާރާއިން އެންމެ ބޮޑަށް ބެލެހެއްޓެވިކަމަކީވެސް އެއީކަން ދޭހަވެއެވެ. އަދި 1934ވަނައަހަރު އޮކްޓޯބަރ 2 ގައި ސުލްތާނު މުހައްމަދު ޝަމްޝުއްދީން 03 ރަސްކަމުން އަޒުލް ކުރެއްވުމާއި ގުޅިގެން މާލޭގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި މަޙްކަމަތުލް އަމަންޢާންމުގެ އިރުޝާދުގެ ދަށުން އަމަން ބެލެހެއްޓެވުމުގައި ސިފައިން ޙަރަކާތްތެރިވިކަން ފާހަގަކުރެވެއެވެ. އަދި ދެވަނަ ބޮޑުހަގުރާމާއިގެ ތެރޭގައި ވުޒާރަތުއް ދާޚިލިއްޔާ (ހޯމްމިނިސްޓްރީ)ގެ އެންގެވުމާކާއި ގުޅިގެން މަތިންދާބޯޓެއް ފެނުމުން އަމަލުކުރާނެގޮތް މަޙްކަމަތުލް އަމަންޢާންމުގެފަރާތުން ރައްޔިތުންނަށް އަންގައިދީ މާލޭގައި ބަރުގޮންފުމެ ރަށުތެރެ އަމާންކުރުމާއި، އެފަދަ ވަގުތުތަކުގައި ރޭގަނޑު ތައްތީގެއަލި ބޭރަށް ނުފެންނާނެހެން ކަނި ކުރަން އެންގެވިއެވެ. މިކަން ރައްޔިތުންކުރޭތޯ ބަލާ ބަޔަކީވެސް ސިފައިންނެވެ. ބުނެވޭ ގޮތުގައި މިއީ ރައްޔިތުންގެ ސަމާމަތައްޓަކައި އެދުވަސްވަރު އެޅުނު ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެކެވެ. މިކަންކަމުން އެގި ހާމަވެގެންދަނީ، ސިފައިންގެ މައްޗަށް ބަސްކިޔައި، ސިފައިންގެ އަމްރުމަޢުރޫފް ހިންގާ ފަރާތަކީ މަޙްކަމަތުލް އަމަންޢާންމުކަމެވެ. މީގެ އިތުރުން ކީރިތި މަހާރަދުންގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓެވުމަކީވެސް މަޙްކަމަތުލް އަމަންޢާންމުން އަންގަވާ ގޮތެއްގެ މަތިން ސިފައިން ކުރަންމުން ދިޔަ މަސައްކަތެވެ. އަދި ސިފައިންކުރާ އެކިއެކި ކުއްތަކަށް އަދަބު ދެމުން ގެންދެވީވެސް އެމަޙްކަމާއިންނެވެ.

 

   މަޙްކަމަތުލް އަމަންޢާންމުން ކުރެއްވެވި ސިފައިންނާއި ގުޅުން ހުރި އެހެނިހެން ކަންތަކުގެ ތެރޭގައި ސިފައިންނަށް ހައްގުވާ ޕްރޮމޯޝަނާއި އެހެނިހެން އިނާޔަތްތަށް ދިނުމާއި ސިފައިންގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ ވެރިން ކަނޑައެޅުއްވުމާއި، ބަދަލުކުރެއްވުމާއި އަދި ސިފައިންގެ ހިންގުމުގެ އޮނިގަޑައް ގެންނަންޖެހޭ އެކިއެކި ބަދަލުތައް ގެނައުން ހިމެނެއެވެ. މިގޮތުން ފުލުސް އޮފިހާއި އެސް.އީ.ކޭގެ ވެރިން ހަމަޖައްސަވާފައިވަނީވެސް މަޙްކަމަތުލް އަމަންޢާންމުންނެވެ. މީގެ އިތުރުން 1960 ގެ އަހަރުތަކަށް ބަލާއިރު އެއިރު ސިފައިންގެ ތެރޭގައި ތިއްބެވި 300 ވަރަކަށް ސިފައިން ސަރުކާރުގެ ވުޒާރާއަކަށް ފޮނުއްވަންޖެހޭ ސިޓީއެއް ފޮނުވަންޖެހޭނީވެސް މަޙްކަމަތުލް އަމަންޢާންމު މެދުވެރިކޮށެވެ. މިސާލަކަށް ދަރިފުޅެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމަށް ލާންޖެހޭނީވެސް މަޙްކަމަތުލް އަމަންޢާންމު މެދުވެރިކޮށެވެ. މީގެ އިތުރުން 1992 އާއި ހަމަޔަށް ސިފައިންގެ ޗުއްޓީ ހަމަޖައްސަވައި ދެއްވަމަނުން ގެންދެވީ ސިފައިންނާއި ގުޅޭ ވުޒާރާއިންނެވެ.

 

2- މަޙްކަމަތުލް އަމަންޢާންމުގެ ނަމައް އައި ބަދަލުތައް

 

  22 ޑިސެމްބަރ 1932 ވަނަ އަހަރު ފުރަތަމަ ގާނޫން އަސާސީ ތަސްދީގުކުރެއްވުމައި ގުޅިންގެ ސިފައިންގެ ކަންތައް ބެލެހެއްޓެވުމަށް އުފެއްދެވި އިދާރާ، [މަޙްކަމަތުލް އަމަންޢާންމު] ގެނަން އެގޮތުގައި 36 ވަންދެން ދެމިއޮތެވެ.

 

   ރަސްކަން ނިމި ދެވަނަ ޖުމްހޫއްރިއްޔާ 1968 ގައި ވުޖޫދަ އައުމާއެކު، 02 ވަނަ ޖުމުހޫރއްރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު މަހަކަމަތުލް އަމަންއާމްގެނަން 11 ނޮވެމްބަރ 1968ގައި [މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ] އަށް ބަދަލުކުރެއްވިއެވެ. އަދި އެވުޒާރާއާއި ޙަވާލުވެ ހުންނެވި ވަޒީރުގެ މަގާމަކީ މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީ ކަމުގައި ހަމަޖެއްސެވިއެވެ. އަދި ސިފައިންގެ ހެޑްކޮއޯޓާރޒްގެން ނަން އޭގެ 05 އަހަރު ފަހުން ނެޝަނަލް ސެކިޔުރިޓީ ގާޑުންގެ ސެންޓްރަލް ޑިޕޯ އަށް ބަދަލުކުރެއްވިއެވެ. އޭރު ސިފައިން ތިބެނީ ނޭޝަނަލް ސެކިއުރިޓީ ގާރޑުންގެ ގޮތުގައެވެ. 1940 ގެ ފަހުން ސިފައިންނާއި ފުހުން އެއްމުއައްސަސާއެއްގެ ގޮތުގައި މަސައްކަތް ކުރަމުންގޮސް އިބްރާހިމް ނާސިރުގެ ދައުރުގައި ސިފައިންގެ ތެރޭގައި ތަޙްޤީޤު އޮފީހުގެ ނަމުގައި އޮފީހެއް ހުޅުވުނެވެ. ފުލުހުންގެ ގޮތުގައި މަސައްކަތްކުރުމަށް ސިފައިންގެ ތެރެއިން ބަޔަކު ނެންގެވިއެވެ. އަދި ޖަލު ބެލެހެއްޓެމަކީވެސް ސިފައިންގެ ކަމެއްކަމުގައި ހަމަޖެއްސެވިއެވެ. އަދި ފުލުހުންގެ އޮފީހުން ބަލާ މައްސަލަތައް ޖަސްޓިހުގެ ކޯޓުތަކަށް ފޮނުވައިގެން ނިމޭއިރު ބަންދުމީހާ އެތައްޒަމާނެއްވަންދެން ޖަލުބަންދުގައި އިންނަންޖެހޭތީ އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ފުލުސްކޯޓް 11 ފެބްރުއަރީ 1979 ގައި އުފައްދަވައި އެކޯޓަކީ މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ދަށުން ހިނގާތަނެއްގެގޮތުގައި ހަމަޖެއްސެވިއެވެ.

 

   ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައިސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 10 ޖެނުއަރީ 1979 ގައި ސިފައިންގެ ނަން [ނޭޝަންލް ސެކިއުރިޓީ ސާރވިސް] (އެން.އެސް. އެސް) އަށް ބަދަލުކުރެއްވިއެވެ. އަދި 11 ނެވެމްބަރ 1982 ގައި ސަރުކާރުގެ ވުޒާރާތަކަށް ގެންނެވި ބަދަލްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ނަން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓިގެ ނަމަށް ބަދަލުކުރެއްވިއެވެ.

 

   3 ނޮވެމްބަރ 1988 ގައި ރާއްޖޭއަށް ކުރިމަތިވި އުދުވާނަށް ފަހު ސިފައިންގެޔަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ. އެގޮތުން ސެކިޔުރިޓީ ގާޑުން ގޮތުގައި ބައްޓަންކޮށްފައިވާ މުއައްސަސާއަކުން ހަގުރާމަމަތީ ލަޝްކަރެއްގެ ގޮތަށް ސިފައިންގެ ބަދަލުކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. މިއަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ފޮރިން އެފައާޒްގެ ތެރޭގައި ހިންގަމުން ދިޔަ އިމިގްރޭޝަން ޑިފެންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވިއެވެ.

 

   ފަހުގެ ތާރީޚެއްގައި ސިފައިން ދުށް އެންމެ ހިތަމާވެރި ދުވަސްކަމުގައި 26 ޑިސެމްބަރ 2004 ގެ ސުނާމީ އަށް ފަހު އުފެއްދެވި ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރު ފުރަތަމަ ހިންގަމުންދިޔައީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަންލް ސެކިއުރިޓީގެ ދަށުންނެވެ. ކުޑަ ދުވަކޮޅަކަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވައިރަންމެންޓް ދަށުގައި ނޭޝަންލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތުމަށް ފަހު 06 މެއި 2012 ގައި ޑިފެންސް މިނިސްޓްރީގެ ދަށަށް ނޭޝަންލް ޑިސާސްޓަރ މެނޭޖްމަންޓް ސެންޓރު ބަދަލުކުރެވުނެއެވެ. ތަފާތު އެކިއެކި ނަންނަމުގައި ސިފައިންގެ ކަންތައް ބެލެހެއްޓެވުމުމަށް ވުޒާރާއެއް ގެ ޚިދުމަތް ލިބެމުން އަންނަތާ 80 އަހަރު ދިގު ރާސްތާއެއް މިދަނީ ގުނަމުންނެވެ.

 

3- މިނިސްޓްރީގެ ވެރިން

 

 

ވަޒީރުލް ޢަސްކަރިއްޔާ ސުމުއްވުލްއަމީރު މުހައްމަދު ފަރީދު ދީދީ 1932 ން 1940 ށް

 

  މިދުވަސްވަރަކީ ވަރަށް ހަލަބޮލި ދުވަސްވަރެކެވެ. މިދުވަރު ހިނގި ހަމަޖެހުންތަކުގެ ތެރޭގައި 1933 ގެ ތެރޭގައި ހިނގި މޯޓަރުބޯޓު ގަޑުބަޑުގެ ތެރޭގައި ސިފައިން މާލޭގެ އަމަން ބެލެއްހެއްޓެވުމަށް ކޮށް ފައިވާ މަސައްކަތް ފާހަގަކުރެވެއެވެ. ތާރީޚީ ލިޔުންތަކަށް ބަލާއިރު ބޮޑުވަޒިރެއްގެ ގޮތުންނާއި ވަޒީރުލް ޢަސްކަރިއްޔާގެ ހައިސިއްޔަތުން އަދި ލަޝްކަރުގެ ކޮމާންޑަރެއްގެ ގޮތުން ކުރައްވަވާފައިވާ ބުރަ މަސައްކަތް ފާހަގަ ކޮށްލެވެއެވެ.

 

ވަޒީރުލް އަމަންޢާންމު އަލްއަމީރު ޙަސަން ފަރީދު ދީދީ (1940 ން 1942 ށް)

 

  ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އުވާލުމައެކު އެގާނޫނު އަސާސީގެ ދަށުން އުފެދުނު ފުލުހުން އުވިގެން ދިޔައެވެ. މިއުވިގެންދިޔަދިޔުން ކަނޑައެޅިގެން ފުލުހުން އުވާލެވެނު ކަމަށް ދޭހަވާ ޢިބާރާތްތަކެއް ލިޔެވިފައި ނެތަސް، ކޮށްފައިވާ ކަންތައްތަކުން އެކަން ފާހަގަކުރެވެއެވެ. އެގެ ތެރޭގައި

  •    ވަޒީރުގެ ނަން ވަޒީރުލް ޢަސްކަރިއްޔާގެ ނަމުން ވަޒީރުލް އަމަންޢާންމު ގެ ނަމަށް ބަދަލުކުރުން.
  •    ގާނޫން އަސާސީ އުވާލުވާމަށް ފަހު ދެން އެކުލަވާލި ޤާނޫނުއަސާސީން ފުލުހުންގެ ޚިދުމަތަށް ބާރުދީފައި ނުވުން.
  •    ސިފައންގެ ޔުނިފޯމްގެ އިތުރުން ފުލުހުން އަޅަމުން ދިޔަފަދަ ފަށްލިބާހެއް ސިފައިން އެދުވަސްވަރު ބޭނުންކުރަން ފެށުން.
  •    އެދުވަސްފަރު ފުލުހުންގެ ޚިދުމަތުގެ ވާހަކަ ލިޔުންތަކުން ފެންނަންނެތުން.
  •    ފުލުހުންގެ ތެރޭގައި ހިދުމަތްކުރެއްވި އައްޑޫގޭ ދޮންމަނިކު ފަދަ ބޭކަލުން 1940 ގައި ސިފައިގޭގައި ހިދުމަށް ކުރަންވަން ފެއްޓެވުން.
  •    މިކަންތައްތަކަށް ބަލާއިރު ސިފައިންގެ ހިދުމަތުގެ ތެރެޔަށް ފުލުހުންގެ ޚިދުމަތް އިތުރުވެގެން ދިޔައީ މިދުވަސްވަރުގައި ކަން ފާހަގަ ކުރެވެއެވެ. 

 

ވަޒީރުލް އަމަންޢާންމު ސުމުއްވުލް އަމީރު މުހައްމަދު އަމީން ދީދީ (1942 ން 1952 ށް)

 

  މިދުވަސްވަރަކީ ދެވަނަ ބޮޑު ހަގުރާމައާއި ގުޅިގެން އައި ބޮޑު ތަދުގެ ދުވަސްވަރުކަމައްވާތީ ރައްޔިތުން ވަރަށް ބިކަހާލުގައި އުޅެން ޖެހުނު ދުވަސްވަރެކެވެ. މިދުވަސްވަރުގައި ސިފައިން މާލޭގެ އެކިއެކި ސަރަޙައްދުތަކާއި ބާޒާރުގައި ޑިއުޓި މަރަމުން ގެންދެވިއެވެ. އަދި މީގެ އިތުރުން އައްސުލްތާނު ޙަސަން ނޫރައްދިން ( 2 ވަނަ) ރަސްކަމުން އިސްތިޢުފާ ދެއްވުމާއި، އުތުރުގަޑުބަޑުގެ މީހުންގެ ކަންތައްތަކާއި ޙަސަންފަރީދު ގެއްލިވަޑައިގަތުމާ ގުޅިގެން މާލޭގެ މަސްރަޙަށް އައި ބަދަލު ތަކާއިގުޅިގެން ވަޒީރުލް އަމަން އާންމުގެ ހައިތިއްޔަތުން ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދީދީ އެމަނިކުފަނުގެ ގާނޫނީ ވާޖިބު ވަރަށް ސާބިތުކަމާއެކު އަދާކުރެއްވިކަން ފާހަގަކުރެވެއެވެ.