އެމްއެންޑީއެފް ކޯސްޓްގާޑްއިން ދިވެހިރާއްޖޭގެ މަސް ކަނޑުތައް ހިމާޔަތް ކުރަމުން ގެންދާ ޕެޓްރޯލް ދަތުރެއްގައި ޑިފެންސް މިނިސްޓަރ ބައިވެރިވެވަޑައިގެންފި

ދިވެހިރާއްޖޭގެ މަސް ކަނޑުތައް ހިމާޔަތް ކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑްއިން ކުރަމުންގެންދާ ޕެޓްރޯލް ދަތުރެއްގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

 

ޑިފެންސް މިނިސްޓަރުގެ މިދަތުރުފުޅަކީ ދިވެހިރާއްޖޭގެ މަސް ކަނޑުތައް ހިމާޔަތް ކުރުމަށް ސިފައިން ކުރަމުންދާ ބުރަ މަސައްކަތްތައް ގާތުން ބައްލަވާލައްވައި ސިފައިންގެ ބުރަ މަސައްކަތަށް ހިތްވަރު ދެއްވުމުގެ މަޤްޞަދުގައި ބައިވެރިވެވަޑައިގެންނެވި ދަތުރުފުޅެކެވެ.

 

 

މިމަހު 18 ވަނަ ދުވަހު ކޯސްޓްގާޑް ޝިޕް ހުރަވީގައި ޑިފެންސް މިނިސްޓަރ ފެއްޓެވި މި ދަތުރުފުޅުގެ ތެރެއިން ކޯސްޓްގާޑް ޝިޕް ހުރަވީއިން ކުރި ޕްޓްރޯލްގައި، މިއަދު ހެނދުނު 7:30 ހާއިރު ހއ.ތުރާކުނުގެ ހުޅަނގު އުތުރުން 42 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގެ ތެރެއިން 6 މީހުންނާއެކު ދަތުރުކުރި ސްރީލަންކާގެ މަސް ބޯޓެއް ވަނީ އަތުލައިގަނެފައެވެ. ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުން ފެނުނު މި މަސް ބޯޓު، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށުން މިހާރު ވަނީ ހއ.އަތޮޅަށް ގެންގޮސްފައެވެ.