ކޯސްޓްގާޑް ޝިޕް ހުރަވީގައި ޑިފެންސް މިނިސްޓަރ ކުރެއްވި ތާރީޚީ ޕެޓްރޯލް ދަތުރުގެ އަގު އެމްއެންޑީއެފުން ވަޒަންކޮށްފި

ކޯސްޓްގާޑް ޝިޕް ހުރަވީގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ކުރެއްވި ތާރީޚީ ޕެޓްރޯލް ދަތުރުގެ އަގު އެމްއެންޑީއެފުން ވަޒަންކޮށްފިއެވެ.

 

މިމަހުގެ 18 އިން 20 އަށް އެމް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގައި ޑިފެންސް މިނިސްޓަރ ކުރެއްވި ޕެޓްރޯލް ދަތުރުގެ އަގު ވަޒަން ކުރުމުގެ ގޮތުން ރޭ ޚާއްޞަ ރަސްމިއްޔާތެއް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ޕެޓްރޯލް ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވާފައި ވާތީ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެމްއެންޑީއެފުން ވަނީ އެމަނިކުފާނަށް ރަމްޒީ ދޯންޏެއް އަރުވާފައެވެ. މި ރަމްޒީ ދޯނި އެމަނިކުފާނަށް އެރުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.

 

މި ރަސްމިއްޔާތުގައި ކޯސްޓްގާޑް ޝިޕް ހުރަވީގެ ހިތްވަރުގަދަ ސިފައިންނާ މުޚާތަބު ކުރައްވާ ޑިފެންސް މިނިސްޓަރ ވާހަކަ ފުޅުދައްކަވަމުން، ސިފައިން ކުރައްވަމުން ގެންދަވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދެންނެވިއެވެ. އަދި މި ރަސްމިއްޔާތުގައި، މިމަހުގެ 19 ވަނަ ދުވަހު ހއ.ތުރާކުނުގެ އުތުރުން 42 ނޯޓިކަލް މޭލު ބޭރުން  ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގަނެވުނު ލަންކާ މަސް ބޯޓު ހިފަހައްޓައި އެބޯޓްގައި ތިބި ފަޅުވެރިންނާމެދު ދިވެހި ސިފައިން ޢަމަލުކުރެއްވި އިންސާނީ ރިވެތި އުސޫލާއި ދެއްކެވި ރީތި ނަމޫނާއަށް ތަޢުރީފް ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ.

 

މިއީ ރާއްޖޭގެ ތާރީޚުގައި ޑިފެންސް މިނިސްޓަރެއް ކޯސްޓްގާޑުން ކުރި މިފަދަ ޕެޓްރޯލް ދަތުރެއްގައި ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ އެންމެ ބޮޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މަސްކަނޑުތައް ހިމާޔަތް ކުރުމަށް ދިވެހި ސިފައިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ގާތުން ބައްލަވާ ސިފައިންގެ ބުރަ މަސައްކަތަށް ހިތްވަރު ދެއްވައި އެ މަސައްކަތްތަކުގެ އަގު ވަޒަންކުރެއްވުމެވެ.

 

21 ޖެނުއަރީ 2018