ރާއްޖެއަށް ކަނޑަޅުއްވާފައި ހުންނަވާ އެމެރިކާގެ އެމްބެސެޑަރ އަދި އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް، ޑިފެންސް މިނިސްޓަރާއި ބައްދަލުކުރައްވައިފި

އެމެރިކާއިން ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ހިޒް އެކްސެލެންސީ އެލެއިނާ ޓެޕްލިޓްޒް އާއި އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯރ އޭޝިއަން އެންޑް ޕެސިފިކް ސެކިއުރޓީ އެފެއާރޒް ހިޒް އެކްސެލެންސީ ރަންޑަލް ޝްރައިވަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިންގ އެފެއަޒްގައި ބޭއްވެވި މި ބައްދަލުކުރެއްވެވުމުގައި ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާއި ދިފާއީ ދާއިރާއިން އިތުރު ތަމްރީނުތައް ހޯދުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި އެމެރިކާގެ ވަފްދުގެ މެމްބަރުންނާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފްގެ އިތުރުން އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާރޗޭ ލެޕްޓިނަންޓް ކާނަލް ޑޮގްލަސް ހެސް ބައިވެރިވެވަޑައިގެންނެވިއެވެ.