ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު އައި.އެމް.ސީ.ޓީ.ސީ ގެ ޑެޕިއުޓީ މިލިޓަރީ ކޮމާންޑަރާ ބައްދަލުކުރައްވައިފި

30 ޖޫން 2026

ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބްލް ޙަސަން ރަޝީދު، އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައި.އެމް.ސީ.ޓީ.ސީ) ގެ ޑެޕިއުޓީ މިލިޓަރީ ކޮމާންޑަރ މޭޖަރ ޖެނެރަލް ޢަބްދުﷲ ބިން ހަމަދު އަލް-ޣުރައިޝީއާ ބައްދަލުކުރައްވައިފިއެވެ. 

މި ބައްދަލުވުން ބޭއްވީ، ސަޢޫދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރ، ޕްރިންސް ޚާލިދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދުގެ ދަޢުވަތަކަށް ސަޢޫދީ އަރަބިއްޔާއަށް ވަޒީރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. 

މި ބައްދަލުވުމުގައ މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ޓެރަރިޒަމްއާ ދެކޮޅަށް ދެ ޤައުމުގެ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނާއި އަދި ތަމްރީން ފުރުސަތުތަކުގެ ތެރެއިން މި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނެވެ. 

އަދި ދުނިޔޭގެ ހަމަޖެހުމާއި ސުލްޙަވެރިކަން ދެމެހެއްޓުމުގެ ގޮތުން، ދުނިޔެއާއި ސަރަޙައްދީ ސަލާމަތާ ރައްކާތެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގެ ގޮތުން، އިސްތިރާޖީ ގޮތުން ކުރެވޭ މަސައްކަތްތައް އިތުރުކޮށް ހަރުދަނާ ކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.