މިނިސްޓްރީގެ އިސްވެރިންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި ބާރުތައް
ޕަރމަނަންޓް ސެކްރެޓްރީ
މަސްއޫލިއްޔަތާއި ވާޖިބުތައް.
1- މިނިސްޓްރީގެ ދާއިރާއަށް ސަރުކާރުގެ ރަސްމީ އޮނިގަނޑުން ކަނޑައަޅާފައިވާ މަސައްކަތްތަކާ ގުޅޭ ސިޔާސަތުތަކާއި، މަޝްރޫއުތައް އެކުލަވާލާ އެކަށައަޅައި، ހިންގުމުގައި މިނިސްޓަރއަށް ލަފާދީ އެހީތެރިވުން.
2- މިނިސްޓަރ ޖަވާބުދާރީ ވާންޖެހޭ ކަންކަމާއި، ހާލަތްތަކުގައި އެހީތެރިވުން.
3- މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ ދާއިރާތައް، މިނިސްޓަރ ގެ ލަފާގެ މަތީން ހިންގައި ބެލެހެއްޓުން.
4- މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ދާއިރާގައި، އިސްނެގުމުގެ ރޫޙާއި މަސައްކަތުގެ ހިތްވަރާއި ފޯރި އިތުރުކޮށް ދެމެހެއްޓުން.
5- މިނިސްޓްރީގެ ދާއިރާގެ މުދަލާއި އެނޫން ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް އަދި ހެޔޮ ގޮތުގައިތޯ ބެލުން.
6- މިނިސްޓްރީގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހޯދައި ތަރައްޤީކޮށް އެންމެ ހެޔޮގޮތުގައި ބޭނުންހިފުން.
7- އިސްނެގުމާއި، އައުގޮތްތަކާއި އެންމެ ރަނގަޅުގޮތްތަކާއި އައު ޓެކްނޮލޮޖީ އާއި، ހުނަރަށް އިސްކަންދީގެން މުވައްޒަފުންނަށް އެ ރޮނގުތަކުން ކުރިއެރުން ގެނެސް، ކުރެވޭ މަސައްކަތަށާއި، ދެވޭ ޚިދުމަތަށް އޭގެ އެދެވޭކުރިއެރުން ގެނައުން.
8- ސިވިލް ސަރވިސްގެ އެޑްވައިޒަރީ ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން ސިވިލް ސަރވިސް ހިންގުމުގައި ކޮމިޝަނަށް ލަފާދިނުމާއި، ގުޅިގެން މަސައްކަތް ކުރުން.
9- ކޮންމެ މީލާދީ އަހަރެއް ނިމުމުން، އެ ނިމުނު އަހަރުގެ ތެރޭގައި، މަސްއޫލު އޮފީހާއި، ދާއިރާގެ ހަރަކާތްތަކާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުތަކާއި އެއްގޮތަށް އަހަރީ ރިޕޯޓް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މިނިސްޓަރ އަށް ހުށަހެޅުން.
10- ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުތަކުގައި ޒިންމާދާރު ވެރިޔާއަށް ކަނޑައަޅާފައިވާ އެންމެހައި ކަންކަން ޒިންމާއާއެކު ބަރާބަރަށް އަދާކުރުން.
ބާރުތައް
1- މިނިސްޓްރީގެ ރަސްމީ އޮނިގަނޑާއި މަސައްކަތްތަކާއި ގުޅޭ ސިޔާސަތުތަކާއި، މަޝްރޫޢުތައް، މިނިސްޓަރުގެ ލަފާގެ މަތީން އެކުލަވާލާ އެކަށައަޅާ ހިންގުން.
2- މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގެ މަސައްކަތްތައް މިނިސްޓަރ ކަނޑައަޅުއްވާ އުސޫލެއްގެ މަތީން ހިންގުމާއި، އަދި ހިނގާތޯބެލުމާއި، މުވައްޒަފުންގެ މެދުގައި މަސައްކަތުގެ ހިތްވަރާއި ފޯރި އިތުރުކުރުން
3- މިނިސްޓްރީގެ ދާއިރާގެ މުދަލާއި އެނޫންވެސް ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށްތޯ ބަލާ އެގޮތަށް ނުކުރެވޭނަމަ، އެކަންކަން ޤާނޫނާއި ގަވާއިދާއި އެއްގޮތަށް ކުރުމަށް އެންގުން.
4- މިނިސްޓްރީގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް ހޯދުމުގެ ކަންކަމާއި، ޒަމާނަށް އަންނަ ބަދަލާއި، އައު ޓެކްނޮލޮޖީއަށް ވިސްނައިގެން މިނިސްޓްރީން ދޭ ޚިދުމަތްތައް ޒަމާނާއެއްގޮތަށް ތަރައްޤީކުރެވޭނެ ގޮތްތައް ރާވާ، މުވައްޒަފުންނަށް ޓްރޭނިންގ ބޭނުންވާނަމަ، ޓްރޭނިންގ ދެވޭނެ ގޮތްތައް ހޯދުން.
5- މިނިސްޓަރ ގެ ލަފާގެ މަތީން، ކޮންމެ އަހަރެއްގެ އަހަރު ރިޕޯޓް ލިޔަންވީގޮތް ކަނޑައަޅާ، އަހަރު ރިޕޯޓް ލިޔުމަށް ބޭނުންވާ މައުލޫމާތު ހޯދާނެ ގޮތާއި، އެކަމަށް ބޭނުންވާ އިރުޝާދު މުވައްޒަފުންނަށްދީ އެކަން ކުރުމަށް އެންގުން.
ކަންކަން ނިންމުމުގައި ޢަމަލުކުރާ އުސޫލު
1- ކޮންމެ ކަމެއް ނިންމުމަށް ވަކި ޓާގެޓެއް ކަނޑައަޅާ، އެޓާގެޓަށް މަސައްކަތް ނިންމުން.
2- ޓާގެޓަށް މަސައްކަތް ނުނިމުނުނަމަ، އެ ނުނިމުނު ސަބަބެއް ބަލާ، އެވަގުތަކަށް އެކަން ހައްލުކުރެވެން އޮތްގޮތަކަށް ހައްލުކޮށްގެން މަސައްކަތް އަވަހަށް ނިމޭނެގޮތެއް ހޯދުން. އަދި މުވައްޒަފެއްގެ އިހުމާލުން ކަމެއް ނުނިމި އޮތްނަމަ ސިވިލް ސަރވިސް ގެ ގަވާއިދާއެއްގޮތަށް އެމުވައްޒަފަކާމެދު ފިޔަވަޅުއެޅުން.
އެޑްމިނިސްޓްރޭޝަން ސެކްޝަންގެ އިސްވެރިޔާ:
މަސްއޫލިއްޔާތާއި ވާޖިބުތައް
1- މިނިސްޓްރީގެ އެޑްމިނިސްޓްރޭޝަން ސެކްޝަން ހިންގުމާއި، ސެކްޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި އަހަރީ އެކްޝަން ޕްލޭން ހެދުމާއި، ސެކްޝަން މުވައްޒަފުންނަށް މަސައްކަތް ހަވާލުކޮށް ބެލެހެއްޓުމާއި، އަދި ސެކްޝަނުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުން.
2- ރަސްމީ ދުވަސްތަކުގައި އޮފީސް ހުޅުވާ ލެއްޕުމުގެ އެންމެހާ އިންތިޒާމް ހަމަޖެއްސުން.
3- މިނިސްޓްރީގެ އެންޓްރީ ޑެސްކަށާއި، ރިސެޕްޝަން ކައުންޓަރަށާއި، ޖެމްސް އާއި އީމޭލް މެދުވެރިކޮށް އަންނަ ސިޓީ/ނޯޓު ފަދަ ލިޔެކިއުންތައް ބަލައިގަނެ، ކަމާބެހޭ ސެކްޝަންތަކަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
4- މިނިސްޓްރީ ރިސެޕްޝަން ބެލެހެއްޓުމާއި އެކިއެކި ކަންކަމުގައި އަންނަފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
5- މިނިސްޓްރީ އަށް އަންނަ ފޯން ކޯލްތަކަށް ކަމާއި ގުޅުންހުރި ސެކްޝަންތަކަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.
6- ސެކްޝަންގެ މަސައްކަތް ރާވާ ހިނގުމާއި، ސެކްޝަނަށް އަންނަ ސިޓީ/ނޯޓު ފަދަ ލިޔުންތަކާއި ގުޅޭގޮތުން އިސްވެރިންގެ ލަފާމަތީން އެފަރާތްތަކަށް ޖަވާބުދިނުން.
7- މިނިސްޓްރީގެ އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމާތު ދުރާލާ އެއްކޮށް، ކަނޑައެޅިފައިވާ މުއްދަތަށް އަހަރީ ރިޕޯޓް ލިޔެ ތައްޔާރުކުރުވުން.
8- މިނިސްޓްރީގައި ހުރި ގިނަ ދުވަސްވެފައިވާ ލިޔެކިޔުންތަކުގެ ތެރެއިން ޤައުމީ ޢަރުޝީފަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުމާއި ނައްތާލަންޖެހޭ ލިޔެކިޔުންތައް ނައްތާލުމުގެ މަސައްކަތްކުރުމާއެކު އެތަކެތީގެ ރެކޯޑް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
9- ޑްރޯން އޮޕަރޭޓްކުރުމަށް ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ ހުއްދަދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
10- މިނިސްޓްރީގެ ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތާއި، މިނިސްޓްރީގެ ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުމުގެ މަސައްކަތް، ކަމާބެހޭ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ބަލަހައްޓަމުންދާކަން ކަށަވަރުކުރުން.
11- ގާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނު) ގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފެހެއްޓުމަށްފަހު މި މިނިސްޓްރީއަށް ގޮތެއް ނިންމުމަށް ފޮނުވާ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެތަކެތީގެ ތެރެއިން ނައްތާލަންޖެހޭ ތަކެތި ގަވާއިދާ އެއްގޮތްވާގޮތުގެމަތީން ނައްތާލުމަށްޓަކައި މި މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ އެންމެހާ އިދާރީ ކަންކަން ކުރުވުން.
12- ގްރީންޒޯންގައި އެކިއެކި މަސައްކަތްކުރުމާއި ހަރަކާތް ހިންގުމުގެ ހުއްދަ ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
13- އެމް.އެން.ޑީ.އެފް ގެ އުޅަނދުފަހަރުގެ ރަޖިސްޓްރީ ހެދުމާއި، ބާތިލްކުރުމުގެ މަސައްކަތް އިންތިޒާމްކޮށް ބެލެހެއްޓުން.
14- ސްޕަވައިޒްކުރަންޖެހޭ މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރުމާއި، އެ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ ކަންތައް ބެލެހެއްޓުން.
ބާރުތައް.
1- އިދާރީ ކަންކަމާއި ގުޅޭގޮތުން އަންނަ ލިޔުންތައް އިސްވެރިން އަންގަވާ ގޮތެއްގެމަތީން އެކަންކަން ނިންމުމަށްޓަކައި، ކަމާބެހޭ މުވައްޒަފުންނާއި ޙަވާލުކޮށްގެން އެކަންކަން ނިންމުން.
2- ޑްރޯން އޮޕަރޭޓްކުރުމުގެ ހުއްދަ ދޫކުރުމާއި، އެ ހުއްދަ ދޫކުރާއިރު، ހުއްދައަށް އެދޭ ފަރާތަށް އަންގަންޖެހޭ އެންގުންތައް އެންގުން.
ކަންކަން ނިންމުމުގައި ޢަމަލުކުރާ އުސޫލު
1- ހަރުމުދާ އަދި ސްކޮޓް ބެލެހެއްޓުމުގެ އިންތިޒާމުތައް މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ކުރިއަށް ގެންދިއުން
2- ތައްޔާރުކުރެވިފައިވާ އެސް.އޯ.ޕީތަކާ އެއްގޮތަށް އަމަކުރުކުން
3- ޑްރޯން އޮޕްރޭޓްކުރުމުގެ ހުއްދަ އާއި ސެކިއުރިޓީ ޒޯން ތެރޭގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމުގައި، ކަމާގުޅޭ އެހިނިހެން ފަރާތްތަކުން ނަގަންޖެހޭ ހުއްދަ ނެގުމަށް އިރުޝާދު ދިނުން.
ފައިނޭންސް ސެކްޝަންގެ އިސްވެރިޔާ:
މަސްއޫލިއްޔާތާއި ވާޖިބުތައް
1. މިނިސްޓްރީގެ ފައިނޭންސް އސެކްޝަން ހިންގުމުގެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއިއެކު، މިނިސްޓްރީއާއި އެމް.އެން.ޑީ.އެފްގެ ބަޖެޓާއި، ބަޖެޓާއި ނުބެހޭ އެކައުންޓްތަކުން ކުރެވޭ ޚަރަދުތައް ބަލަހައްޓައި، އެޚަރަދުތައް ކުރަމުންދަނީ ގަވާއިދާއި އެއްގޮތަށްތޯ ބެލުން.
2. ބަޖެޓާއި ބެހޭގޮތުން އެމް.އެން.ޑީ.އެފްގެ ޔުނިޓްތަކުންނާއި އެކިއެކި އިދާރާތަކުން ފޮނުއްވާ ސިޓީ ނޯޓް ފަދަ ތަކެތި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ އަރިހަށް ގެންގޮސް ނިންމަވާގޮތެއްގެ މަތީން ކަންތައްތައް ހިންގުން.
3. މިނިސްޓްރީއަށް އަންނަ ސިޓީ ނޯޓްތަކުގެ ތެރެއިން މިނިސްޓަރ ނުވަތަ ސްޓޭޓް މިނިސްޓަރ ވަކި ގޮތަކަށް ޖަވާބު ދެއްވުމަށް ވިދާޅުވާ ނުވަތަ ވަކި ގޮތަކަށް ޖަވާބު ދޭންޖެހޭ ސިޓީ ނޯޓްގެ ޖަވާބު ޑްރާފްޓް ކުރުން.
4. ފައިނޭންސް ސެކްޝަނުން އެކިފަރާތްތަކަށް ފޮނުވާ ވައުޗަރ، ސިޓީ ނޯޓްފަދަ ލިޔުންތަކުގައި ސޮއިކުރުން.
5. ކުރިއަށްއޮންނަ އަހަރަށް ލަފާކުރާ ބަޖެޓް، ފިނޭންސް މިނިސްޓްރީން އަންގަވާގޮތެއްގެމަތީން ތައްޔާރުކުރުން.
6. ބަޖެޓް ނުވަތަ ބަޖެޓާ ނުބެހޭ އެކައުންޓްތަކުން ކުރަންޖެހޭ ޚަރަދުތައް ކުރުމަށްޓަކައި ލިބޭ ބިލްތަކާއި ލިޔުންތައް ބެލުން.
7. ބަޖެޓްތަކުގެ އައިޓަމްތަކުގެ ބާކީ ހުރިނެތްގޮތްބަލާ، ޑެބިޓްވާ ކޯޑްތައް އެޖެސްޓްކުރުމަށް ފިނޭންސް މިނިސްޓްރީއަށްފޮނުވުން.
8. މިނިސްޓްރީގެ މާލީބަޔާން ތައްޔާރުކުރުން.
9. ސްޕަވައިޒްކުރަންޖެހޭ މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރުމާއި، އެ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ ކަންތައް ބެލެހެއްޓުން.
ބާރުތައް
1- އެކައުންޓްތަކުން ކުރެވިފައިވާ ޚަރަދުތަކަކީ ގަވާއިދާއި އެއްގޮތަށް ކުރެވިފައިވާ ޚަރަދުތަކެއް ކަމުގައި ނުވާނަމަ، އެކަން ގަވާއިދާއި އެއްގޮތަށް ކުރުމަށް އެންގުން. އަދި އެކަން ރަގަޅުކުރުމަށްޓަކި ކުރަންޖެހޭ ކަންކަން ކަނޑައަޅާ ކަމާބެހޭ މުވައްޒަފުންނަށް އެންގުން.
2- ބަޖެޓާއި ބެހޭގޮތުން އެމް.އެން.ޑީ.އެފް އިންނާއި އެކިއެކި ފަރާތްތަކުން އަންނަ ލިޔުންތައް، މިނިސްޓަރ އަންގަވާގޮތެއްގެ މަތީން އެކަންކަން ނިންމުމަށް ކަމާބެހޭ މުވައްޒަފުންނާއި ޙަވާލުކޮށް އެކަންކަން ކުރުމަށް އެންގުން.
3- ކުރިއަން އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު ކަމާބެހޭ މުވައްޒަފުންނަށްދީ، އެކަންކަން ކުރުމަށް މުވައްޒަފުންނަށް އެންގުން. އަދި މާލީ ބަޔާންތައްޔާރުކުރުމަށް ކަމާބެހޭ މުވައްޒަފުންނަށް އެންގުން.
4- ބަޖެޓް އައިޓަމްތަކުގެ ބާކީ ހުރިނެތްގޮތް ބަލާއިރު، ޑެބިޓްވާ ކޯޑްތައް އެޖެސްޓްކުރުމަށް ފިނޭންސް މިނިސްޓްރީ އަށް ފޮނުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކަމާބެހޭ މުވައްޒަފުންނަށް އެންގުން.
ކަންކަން ނިންމުމުގައި އަމަލުކުރާ އުސޫލު.
1- ޚަރަދުތަކާބެހޭ ލިޔުންތައް މިނިސްޓްރީއަށް ލިބުނުން، އެއީ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް ކުރެވިފައިވާ ޚަރަދުތަކެއް ނަމަ، ފައިސާގެ ކަންތައް ހަމަޖެއްސުމަށް ފިނޭންސް އަށް ފޮނުވުން.
2- ބަޖެޓާއި ބެހޭގޮތުން އަންނަ ލިޔުންތައް މިނިސްޓަރ އަންގަވާ ގޮތެއްގެމަތީން އެކަންކަން ނިންމުމަށްޓަކައި، ކަމާބެހޭ މުވައްޒަފުންނާއި ޙަވާލުކޮށްގެން އެކަންކަން ނިންމުން.
3- ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އަދި މާލީ ބަޔާންތައްޔާރުކޮށް، ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފިނޭންސް މިނިސްޓްރީއަށް ފޮނުވުން.
4- ބަޖެޓް އައިޓަމް ތަކުގެ ތެރެއިން ޑެބިޓް ވާ ކޯޑްތައް އެޖެސްޓްކުރުމަށްޓަކައި، ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް، ފިނޭންސް މިނިސްޓްރީއަށް ފޮނުވައިގެން އެޖެސްޓްމަންޓް ގެނައުމުގެ ކަންކަން ހަމަޖެއްސުން.
ކެމިކަލް މެނޭޖްމަންޓް ސެކްޝަން ގެ އިސްވެރިޔާ:
މަސްއޫލިއްޔަތާއި ވާޖިބުތައް.
1- މިނިސްޓްރީގެ ކެމިކަލް މެނޭޖްމަންޓް ސެކްޝަން ހިންގުމާއި، ޔުނިޓްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި އަހަރީ އެކްޝަން ޕްލޭން ހެދުމާއި، ޔުނިޓްގެ މުވައްޒަފުންނަށް ހަވާލުކޮށް ބެލެހެއްޓުމާއި، އަދި ޔުނިޓުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުން.
2- ގާނޫނު ނަންބަރު 75/4 ގެ ދަށުން ރާއްޖެއަށް ނުރައްކާތެރި ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދިނުމަށްޓަކައި، ބަލަހައްޓަންޖެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
3- ރާއްޖޭގެފަރާތުން ސޮއިކޮށް ތަސްދީގުކޮށްފައިވާ ބައިނަލްއަގްވާމީ މުޢާހަދާ (ކެމިކަލް ވެޕަން ކޮންވެންޝަން) ގެ ދަށުން، އެކުލަވާލަންޖެހޭ ބިލާއި، އަދި ގާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެ ގެނައުން މަނާ ތަކެތީގެ ގާނޫން) ގެ ދަށުން ހަދަންޖެހޭ ގަވާއިދު ހެދުމުގައި ޑޮކިއުމަންޓްތައް ޑްރާފްޓްކުރާ މުވައްޒަފުންނަށް ފަންނީ ލަފާދިނުން.
4- ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދޫކުރުމާގުޅޭގޮތުން ގެޒެޓްކޮށްފައިވާ R-1057/2019 ގަވާއިދު ތަންފީޒުކުރުމާގުޅޭ އެންމެހާ ކަންތައްތައް ކުރުން (މީގެ ތެރޭގައި ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދިނުން، ކެމިކަލް ގުދަންކުރާ ތަންތަނަށް ހުއްދަ ދޫކުރުން، ކެމިކަލް ވިއްކުމުގެ ހުއްދަ ދޫކުރުން، އަދި ކެމިކަލް ބޭނުންކުރުމުގެ ހުއްދަ ދޫކުރުން ހިމެނެއެވެ.)
5- ރާއްޖެ އެތެރެކުރުމުގެ ހުއްދައަށްއެދި ހުށަހަޅާ ކެމިކަލްތަކުގެ މަޢުލޫމާތު (މެޓީރިއަލް ސޭފްޓީ ޑޭޓާ ޝީޓުގައިވާ މަޢުލޫމާތާއި އެހެނިހެން ވަސީލަތްތަކުން އެއްކުރާ މަޢުލޫމާތު) އަށް ބިނާކޮށް ރިސްކް އެނަލިސިސް ހަދާ އެ ކެމިކަލްއަކާމެދު ޢަމަލުކުރަން ފެންނަގޮތުގެ ޕްރޮފެޝަނަލް އޮޕީނިއަން ތައްޔާރުކޮށް، މިނިސްޓްރީއާއި އެމް.އެން.ޑީ.އެފް ގެ ކަމާބެހޭ އިސް ފަރާތްތަކުގެ ސައިން-އޯފް (ހުއްދަ) ހޯދާ، އެ މަޢުލޫމާތު ބެލެހެއްޓުން.
6- ރާއްޖެއަށް އެތެރެކުރަން އެކިފަރާތްތަކުން ހުށަހަޅާ ކެމިކަލްތައް ބަލާ، ނުރައްކާތެރި ކެމިކަލް ފާހަގަކޮށް، ރާއްޖެ އެތެރެކުރުމަށް އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ދައުލަތުގެ އެހެން މުއައްސަސާއަކުން ހޯދަންޖެހޭ ކެމިކަލެއްނަމަ އެކަން ހަމަޖައްސާ، އަދި އެތެރެކުރަން ހުއްދަކުރެވޭ ކެމިކަލްތައް މޮނީޓަރކޮށް، ހުއްދަ ދޫކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ވިލަރެސްކުރުން.
7- ކެމިކަލްވެޕަން ކޮންވެންޝަނާއި، ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނާއި، ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ 2019/R-1057 ގަވާއިދުގެ ދަށުން ރާއްޖެއަށް އެތެރެކުރެވޭ ކެމިކަލްތަކާގުޅޭ މިދަންނަވާ ދަފްތަރުތަކާގުޅޭ އެންމެހާ ކަންތައްތައް ރާވާ ހިންގުން.
ހ- އިމްޕޯޓްކުރުން މަނާކުރެވިފައިވާ ކެމިކަލްތަކުގެ ދަފްތަރު
ށ- ކެމިކަލް އެތެރެކުރާ ފަރާތްތަކުގެ ދަފްތަރު
ނ- ކެމިކަލް ވިއްކާ ފަރާތްތަކުގެ ދަފްތަރު
ރ- ކެމިކަލް އެތެރެކޮށް ވިއްކާ ފަރާތްތަކުގެ ސްޓޮކް ބެލެންސް މައުލޫމާތާއި، ހުއްދަނަގަން ނުޖެހޭ ކެމިކަލްތަކުގެ ދަފްތަރު
8- ރާއްޖެއަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން، ކެމިކަލް ރައްކާކުރަން ހަމަޖައްސާ ގުދަންތައް ޗެކްކުރުމުގެ މަސައްކަތް، ގަވާއިދު ނަންބަރު 2019/R-1057 ގައިވާގޮތަށް އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އާ ގުޅިގެން ކުރިއަށްގެންގޮސް، ގުދަނަށް ހުއްދަ ދޫކުރުމާއި، އިސްލާހުކުރަންޖެހޭ ކަންތައްތައް ހުރިނަމަ އެކަންކަން ރަނގަޅުކުރުމަށް އެންގުން.
9- ދިވެހިރާއްޖެއަށް އެތެރެކުރާ ކެމިކަލްތަކުގެ ތެރެއިން ގާނޫނު ނަންބަރު 75/4 ގެ ދަށުން ނައްތާލަންޖެހޭ ކެމިކަލްތައް ނައްތާލުމާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް އެމް.އެން.ޑީ.އެފްއާ ގުޅިގެން ރާވާ ހިންގުން.
10- ރާއްޖެއަށް އެތެރެކުރަން ހުއްދަ ދޫކުރާ ކެމިކަލްތަކާއި އެތަކެތި ރައްކާކޮށް ގެންގުޅޭ ތަންތައް މޮނިޓަރކޮށް ބެލެހެއްޓުމުގެނިޒާމް ހަރުދަނާކުރުން.
11- އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިޔޫ) އަށް ފޮނުވަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބެލެހެއްޓުން.
12- ރާއްޖެއަށް އެތެރެކުރެވޭ ކެމިކަލްތަކުގެ މަޢުލޫމާތު ބެލެހެއްޓުމަށާއި، ކެމިކަލް އެތެރެކުރުމުގެ ހުއްދައަށް އެދޭފަރާތްތަކުން އޮންލައިންކޮށް ހުއްދައަށް އެދުމަށާއި، ހުއްދައަށް އެދޭ ކެމިކަލްތައް ޕްރޮސެސް ކުރުމަށާއި، ހުއްދަތައް ތައްޔާރުކޮށް ދޫކުރުމަށްޓަކައި ހަދާފައިވާ "މަކުޑި" ސޮފްޓްވެއަރ ޕްރޮގްރާމް، އެން.ސީ.އައި.ޓީ އާއި ގުޅިގެން ބަލަހައްޓާ، ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްކުރުން.
13- މިނިސްޓްރީ އޮފް އެންވަޔަރމަންޓާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް، ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ނޭޝަނަލް ޑްރަގް އެޖެންސީ އަދި ސަރުކާރުގެ އެހެން އިދާރާތަކުން މޮނިޓަރކޮށް ބަލަހައްޓަވާ ކެމިކަލްތައް ބެލެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
14- ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދޫކުރުމުގެ ގަވާއިދުތަކާއި އެކަމުގައި ގެންގުޅޭ މިންގަނޑުތަކާބެހޭ މަޢުލޫމާތު، މީޑިއާގެ ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން އާއްމުކޮށް، ކަމާގުޅޭ ފަރާތްތައް ހޭލުންތެރިކުރުވުން.
15- ކެމިކަލް މެނޭޖްމަންޓް ޔުނިޓްގެ އެހެން މުވައްޒަފުންނަށް މަސައްކަތުގެ ޓާގެޓްތައް ހަވާލުކޮށް، މަސައްކަތްތައް މޮނީޓަރކޮށް މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒަލް ހެދުން.
ބާރުތައް.
1- ކެމިކަލް އެތެރެކުރަން ހުއްދައަށް އެދޭ ފަރާތްތަކުން ހުއްދަ އަށް އެދޭއިރު، ފުރިހަމަކުރަންޖެހޭ މައުލޫމާތެއް ފުރިހަމަ ނުކޮށް އޮތްނަމަ އެކަން ފުރިހަމަކުރުމަށް ހުއްދައަށް އެދުނު ފަރާތަށް އެންގުން. އަދި ހުއްދަނަގަންޖެހޭ މުއައްސަސާއަކުން ހުއްދަ ނުނަގާ އޮތްނަމަ ހުއްދަ ނެގުމަށް އެންގުން.
2- ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދޫކުރުމާއި، ކެމިކަލް ހުއްދަ ދޫކުރާއިރު، ހުއްދައަށް އެދޭ ފަރާތަށް އަންގަންޖެހޭ އެންގުންތައް އެންގުން.
3- ކެމިކަލް އާއި ބެހޭގޮތުން ހަދާ ޤާނޫނު ތަކާއި، ގަވާއިދުތައް އެކުލަވާލުމުގައި، އޭގައި ހިމެނޭ ކެމިކަލް ގެ ޓެކްނިކަލް މައުލޫމާތު ޤާނޫނާއި ގަވާއިދު ހަދާފަރާތްތަކާއި ހިއްސާކޮށް، އެކަންކަމުގެ މައްޗަށް ބަލާއިގެން ޤާނޫނާއި ގަވާއިދު ހެދުމަށް އެންގުން.
4- ކެމިކަލް ގުދަންކުރުމަށް ހުއްދަ އަށް އެދޭއިރު، ގުދަނުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ނުވާނަމަ، އެކަންކަން ފުރިހަމަކުރުމަށް އެންގުމާއި، އެކަންކަން ފުރިހަމަކުރުމުން ހުއްދަ ދިނުން.
ކަންކަން ނިންމުމުގައި ޢަމަލުކުރާ އުސޫލު
1- ކެމިކަލް އެތެރެކުރުމުގެ ހުއްދައަށް އެދުމުން، އެކެމިކަލަކާބެހޭގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށްފައި ހުރިތޯއާއި، އެހެން މުއައްސަސާއަކުން ހުއްދަ ނަގަންޖެހޭ ކެމިކަލެއްތޯ ބަލާ، މައުލޫމާތު ފުރިހަމަކޮށްފައިވާނަމަ، އަދި އެހެން މުއައްސަސާއަކުން ހުއްދަ ނަގަންޖެހޭ ކެމިކަލެއް ނޫންނަމަ، ހުއްދަ ދޫކުރުން
2- އެހެން މުވައްސަސާއަކުން ހުއްދަ ނަގަންޖެހޭ ކެމިކަލެއް ނަމަ، އެ މުވައްސަސާގެ ހުއްދަ ހޯދުމުން، ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދޫކުރުން. އަދި ހުއްދަ ދޫކުރާއިރު ކެމިކަލް އެތެރެކުރާ ފަރާތަށް އަންގަންޖެހޭ އެންގުންތައް އެންގުން.
3- ކެމިލް އެތެރެކުރުމުގެ ހުއްދަ އަށް އެދޭ ފަރާތުން، އެކެމިކަލް ގުދަންކުރާ ގުދަން ރެޖިސްޓްރީ ނުކޮށް އޮތްނަމަ ގުދަން ރެޖިސްޓްރީ ކުރަން އެންގުމާއި، ގުދަން ރެޖިސްޓްރީ ކުރުމުން ހުއްދަ ދޫކުރުން. އަދި ގުދަން ރެޖިސްޓްރީކުރާއިރު ރެޖިސްޓްރީ ކޮށްދެވޭނީ ގުދަނުގައި ހުންނަންޖެހޭ ސަލާމަތީ ކަންކަން ފުރިހަމަކުރުމުންނެވެ.
4- ހުއްދަ ނުނަގާ ރާއްޖެއަށް ކެމިކަލެއް ގެނެސްފިނަމަ، ގަވާއިދުގައިވާ ގޮތުގެ މަތީން ޖުރުމަނާކުރުން. a
ލީގަލް ސެކްޝަންގެ އިސްވެރިޔާ:
މަސްއޫލިއްޔާތާއި ވާޖިބުތައް.
1- މިނިސްޓްރީގެ ލީގަލް ސެކްޝަން ހިންގުމުގެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއިއެކު، މިނިސްޓްރީގެ ދާއިރާއިން ހަދަންޖެހޭ ޤަވާއިދުތައް ހެދުމުގެ މަސައްކަތްކުރުމުގައި ކަމާބެހޭގޮތުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ، އެމް.އެން.ޑީ.އެފް އާއި ސަރުކާރުގެ އިދާރާތަކާގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
2- މިނިސްޓްރީގެ ދާއިރާއިން ހަދަންޖެހޭ ޤާނޫނުތަކާއި ޤަވާއިދުތައް ޑްރާފްޓް ކޮށް އެކުލަވާލުމުގައި، ސެކްޝަނުގެ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާ އިރުޝާދުދީ، ގަވާއިދުތައް އެކުލަވާލާ ގެޒެޓްކޮށް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން.
3- މިނިސްޓްރީގެ ދަށުން ހިނގަމުންދާ މުވައްސަސާތަކުން ހަދާ ގަވާއިދުތައް، މިނިސްޓަރ ގެ އެޕްރޫވަލް އަށް ފޮނުއްވުމުން، އެ ގަވާއިދުތައް ބަލާ ދިރާސާކޮށް، ފާހަގަކުރެވޭ ކަމެއް އޮތްނަމަ މިނިސްޓަރ އަށް ދެންނެވުން.
4- ރާއްޖޭގެ ސަރަހައްދުން ގަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރާ ބޯޓްފަހަރާއި، ރާއްޖޭގެ ސަރަހައްދަށް ގަވާއިދާއި ޚިލާފަށް ހަތިޔާރު ހިފައިގެން ވަންނަ ބޯޓް ފަހަރުގެ މައްސަލަތަކުގެ ރިޕޯޓް ކޯސްޓްގާޑުން ފޮނުވުމުން، އެރިޕޯޓްތައް ދިރާސާކޮށް ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
5- ރާއްޖޭގެ ރިޒޯޓްތަކާއި، އެކި ޢިމާރާތްތަކުގައި ގާއިމްކުރާ ފަޔަރސޭފްޓީ ސިސްޓަމްތަކާއި ފަޔަރ ސޭފްޓީ ކުރެހުންތައް، އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް މެދުވެރިކޮށް ޗެކުކުރުމާއި، އަދި މިކަމާބެހޭގޮތުން އެމް.އެން.ޑީ.އެފްއިން ތައްޔާރުކުރައްވާ ރިޕޯޓްތައް މިނިސްޓްރީއަށް ލިބުމުން ރިޕޯޓްތައް ބަލާ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އެކަމާބެހޭގޮތުން ޖަވާބުދޭންޖެހޭ ފަރާތްތަކަށް ޖަވާބު ދިނުން.
6- ފަޔަރ ސޭފްޓީ ސިސްޓަމްތައް ޤާއިމްކުރުމާބެހޭ މަސައްކަތް ކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް އެކަމުގެ ހުއްދަ ދިނުމާބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
7- ޑީސަލާއި ކަރާސީނާއި ޕެޓްރޯލް ފަދަ ތެލުގެ ބާވަތްތަކާއި، ލިކްއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލް.ޕީ.ޖީ) އުފުލާ އުޅަނދު ފަހަރާއި، އަދި އެފަދަ ތަކެތި ގުދަންކޮށްފައި ބަހައްޓާ ތަންތަނަށްދޭ ހުއްދަ ދިނުމާބެހޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
8- އެކިއެކި ބޭނުންތަކަށް ރާއްޖެ އެތެރެކުރާ ބަޑިބޭހުގެ ތަކެއްޗާއި، ގޮއްވާ ތަކެއްޗާއި ގޮވާ ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް އެކަމުގެ ހުއްދަ ދިނުމާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
9- އެކިކަންކަމުގައި މިނިސްޓްރީގެ ސެކްޝަންތަކުން ޤާނޫނީ ލަފާހޯދުމަށް ފޮނުވާ މައްސަލަތަކާއި ލިޔުންތަކަށް ޤާނޫނީ ލަފާ ދިނުމާއި، އެކަމާބެހޭގޮތުން ލިޔަންޖެހޭ ލިޔުންތައް ލިޔުން.
10- ސަރުކާރުގެ އެކި އޮފީސްތަކުން އެކުލަވާލާ ގަވާއިދުތައް، މިނިސްޓްރީގެ ކޮމެންޓެއް އޮތްތޯބަލަން ފޮނުވުމުން، އެ ގަވާއިދުތައް ބަލާ ދިރާސާކޮށް ކޮމެންޓް ދިނުން.
11- ޤާނޫނު ނަންބަރު 2014/1 (މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤު ގެ ޤާނޫނު) ގެ ދަށުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
12- މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ގަވާއިދުތަކާއި، އުސޫލުތަކާއި، މައުލޫމާތު ތައް ޗެކުކޮށް، އާންމުކުރަންޖެހޭ ހުރިހާ ގަވާއިދުތަކާއި މައުލޫމާތުތައް އާންމުކުރެވިފައި ހުރިތޯ ބެލުމާއި، އިސްލާހުކުރަންޖެހޭ ކަމެއް އޮތްނަމަ، އެކަންކަން ކަމާބެހޭ މުވައްޒަފުންނަށް އެންގުމާއި މިކަންކަން ހިންގާ ބެލެހެއްޓުން.
13- ސްޕަވައިޒްކުރަންޖެހޭ މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރުމާއި، އެ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ ކަންތައް ބެލެހެއްޓުން.
ބާރުތައް.
1- ރާއްޖޭގެ ސަރައްދަށް ގަވާއިދާއި ޚިލާފަށް ވަންނަ ބޯޓްފަހަރުގެ މައްސަލަތަކުގެ ރިޕޯޓް ދިރާސާކޮށް ފާހަގަކުރެވޭ ކަންކަން މިނިސްޓަރ އަށް ނުވަތަ ޑެޕިއުޓީ މިނިސްޓަރ އަށް ދެންނެވުން.
2- ރިޒޯޓްތަކާއި އެކިއެކި އިމާރާތްތަކުގައި ޤާއިމްކުރާ ފަޔަރ ސޭފްޓީ ސިސްޓަމްތަކާއި، ކުރެހުންތައް ޗެކުކޮށް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ފޮނުއްވާ ރިޕޯޓް ތައް ބަލާ، ހުށަހެޅި ފަރާތަށް ޖަވާބުދިނުން.
3- ފަޔަރ ސޭފްޓީ ސިސްޓަމްތައް ޤާއިމް ކުރުމުގެ މަސައްކަތް ކުރުމުގެ ހުއްދައާއި، ތެލުގެ ބާވަތްތަކާއި، ކުކިންގ ގޭސް އުފުލާ ގުދަންކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އަށް ފޮނުވުމާއި، އެކަންކަމާގުޅޭގޮތުން އެ ސަރވިސް އިން ފޮނުވާ ރިޕޯޓްތައް ބަލާ ހުށަހެޅި ފަރާތަށް ޖަވާބުދިނުން.
4- މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނު ދަށުން ހުށަހަޅާ ހުށަހެޅުންތަކަށް ޖަވާބު ދިނުމާއި، އެ މުވައްސަސާގެ އިސްނެގުމުގެ މަތީން ހާމަކުރަންވާނެކަމަށް އެ ޤާނޫނު ބަޔާންކޮށްފައިވާ މަޢުލޫމާތު ހާމަކުރުމުގެ މަސައްކަތް ކުރުން.
ކަންކަން ނިންމުމުގައި ޢަމަލުކުރާ އުސޫލު
1- ރާއްޖޭގެ ސަރަހައްދަށް ގަވާއިދާއި ޚިލާފަށް ވަންނަ ބޯޓްފަހަރާއި ބެހޭ މައްސަލަތަކުގައި ޤާނޫނީ ގޮތުން ފާހަގަކުރެވޭ ކަންކަން ބަޔާންކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މައްސަލަ ނިންމުން.
2- ރިޒޯޓްތަކާއި އިމާރާތްތަކުގައި ޤާއިމްކުރާ ފަޔަރ ސޭފްޓީ ސިސްޓަމާބެހޭ ކުރެހުންތައް މިނިސްޓްރީއަށް ހުށަހެޅުމުން ފަޔަރ އެންޑް ރެސްކިޔު ސަރވިސް އަށް ފޮނުވައިގެން އެ ކުރެހުންތައް ޗެކުކޮށް، އެކުރެހުންތައް އެޕްރޫވްވާކަން ނުވަތަ އެކުރެހުމުގައި ހުރި މައްސަލަތައް ހުށަހެޅިފަރާތަށް އަންގާ ޖަވާބުދިނުން.
3- ފަޔަރ ސޭފްޓީ ސިސްޓަމްތައް ޤާއިމްކުރުމުގެ ހުއްދައާއި، ތެލުގެ ބާވަތްތަކާއި ކުކިންގޭސް އުފުލުމާއި ގުދަންކުރުމުގެ ހުއްދަ އަށް އެދި ހުށަހަޅާ ލިޔުންތައް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އަށް ފޮނުވާ، ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން އެ ލިޔުންތައް ޗެކުކޮށް ފޮނުވާ ރިޕޯޓްގެ މައްޗަށް ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތަކަށާއި، ތަންތަނަށް ހުއްދަދިނުން.
ހިއުމަން ރިސޯސް މެނޭޖަމަންޓް ސެކްޝަންގެ އިސްވެރިޔާ:
މަސްއޫލިއްޔަތާއި ވާޖިބުތައް.
1- މިނިސްޓްރީގެ ހިއުމަންރިސޯސް މެނެޖްމަންޓް ސެކްޝަން ހިންގުމުގެ އިތުރުން މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގައި މަސައްކަތްކުރާ ސިވިލް ސަރވިސް އާއި، އެމް.އެން.ޑީ.އެފް މުވައްޒަފުންގެ ވަޒީފާއާބެހޭ އެންމެހާ ކަންތައް ހަމަޖެހިފައިވާ ގަވާއިދުގެ ދަށުން ހިންގާ ބެލެހެއްޓުން.
2- ދާއިރާގެ މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒަލް ކަންތައް ހިންގާ ބެލެހެއްޓުން.
3- ވަޒީފާއަށްއެދޭ މީހުންގެ މަޢްލޫމާތު ސާފުކޮށް ބަލަހައްޓަމުން ގެންދިއުން.
4- މިނިސްޓްރީގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގެ ކަންތައްތައް ހިންގާ ބެލެހެއްޓުން.
5- އެޗް.އާރު ސެކްޝަނަށް ލިބޭ ސިޓީ/ނޯޓް ފަދަ ލިޔުންތަކަށް ޖަވާބުދާރީވުން.
6- އެޗް.އާރު.އެމް.ޑީ ކޮމިޓީ މެންބަރެއްގެ ހައިޘިއްޔަތުން ހަވާލުކުރާ މަސައްކަތްތައް ކުރުން.
7- ސްޕަވައިޒްކުރަންޖެހޭ މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރުމާއި، އެ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ ކަންތައް ބެލެހެއްޓުން.
ބާރުތައް.
1- މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގައި މަސައްކަތްކުރާ ސިވިލް ސަރވިސް ގެ މުވައްޒަފުންގެ ވަޒީފާއާއި ބެހޭ ކަންތައްތަކާއި، އެމް.އެން.ޑީ.އެފް މުވައްޒަފުންގެ ވަޒީފާ އާއި ބެހޭ ކަންކަން ކުރުމާއި އެކަމާގުޅޭގޮތުން ލިޔަންޖެހޭ ލިޔުންތައް ލިޔުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
2- މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒަލް ގެ ކަންތައްތައް ހަމަޖެހިފައިވާ މުއްދަތަށް ނިންމާތޯ އާއި، ޕަރފޯމަންސް އެޕްރައިޒަލް ފޯމްގައި ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމަކޮށްފައިހުރޭތޯ ބެލުމާއި، ފުރިހަމަ ނުކުރާ ފަރާތްތަކަށް އެކަންކަން ފުރިހަމަކުރަން އަންގާ އެކަންކަން ބެލެހެއްޓުން.
3- އެޗް.އާރ ކޮމެޓީގެ މެންބަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އަދި އެކޮމެޓީން ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
ކަންކަން ނިންމުމުގައި ޢަމަލުކުރާ އުސޫލު
1- ސިވިލް ސަރވިސް ގެ މުވައްޒަފެއްނަމަ ވަޒީފާ ދިނުމާއި ވަކިކުރުމުގައި ޢަމަލުކުރަނީ ސިވިލް ސަރވިސް ގެ ގަވާއިދުގައިވާ ގޮތަށެވެ. އައި އެމް.އެން.ޑީ.އެފް ގެ މުވައްޒަފެއްނަމަ އެމް.އެން.ޑީ.އެފް ގެ ގަވާއިދުތަކުގައިވާ ގޮތަށެވެ.
2- ސިވިލް ސަރވިސް ގެ މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒަމް ގެ ކަންތައްތައް ސީ.އެސް ވިއުގަރ އިން އޮންލައިންކޮށް ފުރިހަމަކުރޭތޯ ބަލާ ފުރިހަމަ ނުކުރާ ފަރާތްތަކަށް ފުރިހަމަކުރުމަށް އެންގުން.
3- އެޗް.އާރ ކޮމެޓީއަށް ހުށަހެޅޭ މައްސަލަތްއް އެ ކޮމެޓީން ގޮތެއް ނިންމުމުން، އެނިންމުމެއް ތަންފީޒު ކުރުމުގެ ގޮތުން ލިޔަން ޖެހޭ ލިޔުންތައް ލިޔެ އަޅަންޖެހޭ ފިވަޅުތައް އެޅުން.
އައިޓީ ސެކްޝަންގެ އިސްވެރިޔާ:
މަސްއޫލިއްޔަތާއި ވާޖިބުތައް.
1- އޮފީހުގެ ސަރވަރއާއި ނެޓްވޯކް ބެލެހެއްޓުމާއި، ދިމާވާ މައްސަލަތައް ހައްލުކޮށް ނެޓްވަރކްގެ ސެކިއުރިޓީ ބެލެހެއްޓުން.
2- އޮފީހުގެ ކޮމްޕިއުޓަރތަކާއި އައި.ޓީ އާބެހޭ ތަކެއްޗަށް ކުރިމަތިވާ މައްސަލަތައް އޮފީހުގެ ތެރެއިން ރަނގަޅުކުރެވެންހުރި މިންވަރަކުން ރަނގަޅުކޮށް، ނުކުރެވޭތަކެތި ޕްރޮކިއުމަންޓާގުޅިގެން އެކަމާބެހޭ މީހުންލައްވާ ރަނގަޅުކުރުވުން.
3- އޮފީހުގެ ވެބްސައިޓްގެ ފަރުމާއަށް ގެންނަންޖެހޭ ބަދަލުތައް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ގެނައުމާއި، އެކި މުނާސަބަތު ނުވަތަ ހަރަކާތްތަކާގުޅޭ ބައިތައް މިނިސްޓްރީން ބޭނުންވާގޮތަށް އިތުރުކުރުމާއި، ޒިންމާދާރުކަމާއެކު ވެބްސައިޓްގެ ސެކިއުރިޓީ ބެލެހެއްޓުން.
4- އޮފީސް އޮޓޮމޭޝަނަށް ލަފާދީ އެފަދަ އިންތިޒާމުތައް ގާއިމުކުރަން ކުރެވެންހުރި މަސައްކަތްތައް ކުރުން.
5- ސިފައިންގެ ގާނޫނު (ނަންބަރު2008/1) އާއި ސިވިލް ސަރވިސްގެ ގާނޫނު (ނަންބަރު2007/5)ގެ ދަށުން ހަދާފައިވާ ގަވާއިދާ އެއްގޮތަށް އޮފީހުގައި ބޭނުންކުރަން ތައްޔާރުކުރެވޭ ޚާއްޞަ ސޮފްޓްވެއަރތަކާއި، ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެފަދަ ޕްރޮގްރާމްތައް ބެލެހެއްޓުމާއި، ދިމާވާ މައްސަލަތައް ހައްލުކުރުން.
6- އޮފީހުގެ އީ މެއިލް ސިސްޓަމް ބެލެހެއްޓުމާއި މިއާބެހޭ ލިޔެކިއުންތައް ޒިންމާދާރުކަމާއެކު ބެލެހެއްޓުން.
7- އޮފީހުގެ ފޯންތައް ބެލެހެއްޓުމާއި މި ނިޒާމަށް ގެންނަންޖެހޭ ޕްރޮގްރާމިންގ ބަދަލުގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު މުވައްޒަފުންނަށް މިޚިދުމަތް ރަނގަޅަށް ފޯރުވައިދިނުން.
8- އޮފީހުގައި ޑިޖިޓަލައިޒްކޮށް ބަލަހައްޓާ ލިޔެކިއުންތައް ބެކްއަޕްކޮށް ރަނގަޅަށް ބެލެހެއްޓުން.
9- އޮފީހުގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ސްޕަވައިޒަރުގެ ލަފާގެ މަތީން ޢާންމުކޮށް ހާމަކުރުން.
ބާރުތައް.
1- އޮފީހުގެ ސަރވަރ ނެޓްވޯކްގައި މައްސަލައެއް އުޅޭނަމަ، ޕީއެސް އަށް ރިޕޯޓްކޮށް، ޕީ.އެސް އަންގަވާގޮތެއްގެ މަތީން އެކަން ހައްލުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަންކުރުން.
2- އޮފީހުގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި، އައި.ޓީ އާއި ބެހޭ ތަކެއްޗަށް ދިމާވާ މައްސަލަތައް ބަލާ އެކަންކަން ރަގަޅުކޮށް ހައްލުކުރުން.
3- އޮފީހުގެ ވެބްސައިޓް ފަރުމާކޮށް އެއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެކިކަންކަމަށް އޮފީހުގައި ބޭނުންކުރެވޭ ސޮފްޓްވެއަރ ތަކާއި، ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި އެހީތެރިވެ، އެފަދަ ޕްރޮގްރާމްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން.
4- އޮފީހުގެ ފޯންތަކާއި، ޑިޖިޓަލައިޒްކޮށް ބަލަހައްޓާ ލިޔުންތައް ބެކްއަޕްކޮށް ބެލެހެއްޓުން.
ކަންކަން ނިންމުމުގައި ޢަމަލުކުރާ އުސޫލު
1- އޮފީހުގެ ސަރވަރ ނެޓްވޯކް އަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަމެއް އަމިއްލައަށް ހައްލުކުރުން. އަމިއްލައަށް ހައްލު ނުކުރެވޭނަމަ އެކަމާބެހޭ ޓެކްނިކަލް މީހެއް ގެނެސްގެން ހައްލުކުރުން.
2- އޮފީހުގެ ކޮމްޕިއުޓަރ ސިސްޓަމް ތަކާއިއ، ފޯންތަކާއި، އައިޓީ އާއި ބެހޭތަކެއްޗަށް ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލުކުރުން.
3- ވެބްސައިޓާއި ސޮފްޓްވެއަރ ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތަކުގެ ތެރެއިން އަމިއްލައަށް ހައްލު ނުކުރެވޭވަރުގެ ކަމެއްނަމަ ކަމާބެހޭ ޓެކްނިކަލް ބޭފުޅަކު މެދުވެރިކޮށް ހައްލުކުރުން.